Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކިއޫގައި ނުޖެހި ފްލެޓަށް އެދެވޭ އޮންލައިން ޕޯޓަލް ލޯންޗުކޮށްފި

ކިއޫގައި ނުޖެހި ފްލެޓުތަކަށް އެދެވޭ "މަގޭހިޔާވެހި" އޮންލައިން ޕޯޓަލް މިއަދު ލޯންޗުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އޮންލައިން ޕޯޓަލް ލޯންޗުކޮށްދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއެވެ. މި ޕޯޓަލް ގާއިމްކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެންނެވެ.

އެ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްތައް އައުމާއެކު އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ސްކީމްތަކަށް އެދެވޭނެ ކަމަށެވެ.

"މި ޕޯޓަލް މެދިވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ހުންނަވައިގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދިވަޑައިގެންނެވޭނެ. މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް" ނަޝީދު ވިދާޅުވިއެވެ.

މިއަދުން ފެށިގެން ކޮންމެ ރައްޔިތަކަށް ވެސް މި ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ނަމަވެސް ބޯހިޔާވަހިކަމުގެ އާ ސްކީމެއް ތައާރަފްކޮށްފައިނުވާތީ އެއްވެސް ހައުސިން ސްކީމަކަށް އަދި ކުރިމަތިނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ އޮންލައިން ޕޯޓަލްއެއް މިއަދު ލޯންޗުކޮށްފައިވާއިރު، ފްލެޓަށް އެދެން ކިއޫގައި ޖެހެން ނުޖެހޭނެ ނިޒާމެއް ގާއިމު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެކެވެ.