Last Updated: April 23, 17:29
Tuesday, April 23, 2024
ޚަބަރު

އެކި ދާއިރާތަކުން ސަރުކާރަށް އެހީވާން ތައްޔާރު: ވޯލްޑް ބޭންކް

އެކި ދާއިރާތަކުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ވޯލްޑް ބޭންކުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޑޮކްޓަރ އައިޑާ ސްވަރަޔީ ރިޑިހައު، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް އާއި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ވޯލްޑް ބޭންކާ ދެމެދު އޮންނަ ގާތް ކަމަށް ބައްލަވައިލައްވައި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

އެގޮތުން އެކަމަނާ ވަނީ އިއާދަކުރަނިވި ހަކަތައާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް އަދި ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވާފައިވާ އެހީތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ވަރލްޑް ބޭންކްގެ ޑިރެކްޓަރ މިއަދުގެ ބައްދަލުވުމުގައި ދެއްވާފައިވާ ރަނގަޅު ޚިޔާލުފުޅު ތަކަށްވެސް ޝުކުރުއަދާކުރައްވައިފައެވެ.