Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އަބުޅޯ އުމަރަށް: މިނިސްޓަރު ކަމުގައި ހުރިއިރު އިންޑިއާ ސިފައިން ކޮބާ؟

އުމަރު ނަސީރު - ފޮޓޯ: ވީނިއުސް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަށަން ތައްޔާރުވަމުންދާ ހަރަކާތަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ފާޑު ވިދާޅުވެއްޖެއެވެ.

މިކަމަށް ފާޑު ވިދާޅުވެ އަބުޅޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އުމަރަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

"ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުރި އިރު އިންޑިއާ ސިފައިން ތިބީ ކޮންތާކުތޯ؟ ހެލިކޮޕްޓަރު އޮތީ ކޮންތާކުތޯ؟ ދުއްވީ ކޮން ގައުމެއްގެ ބައެއްތޯ؟ ކޮބާތޯ ތަފާތަކީ؟" އުމަރު ޓެގު ކުރައްވާ އަބުޅާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އުމަރު ހަރަކާތެއް ފަށަން ތައްޔާރުވަމުންދާއިރު، އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ދިވެހިން ތެދުވާންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ދެ ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ނުކޮށް އިންޑިއާ ސިފައިން އެކަމުގައި އުޅޭތީއެވެ. އަދި ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނުވާލުމަށް ވެސް އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމުގައި އިންޑިއާ ސިފައިން ތިބި ނަމަވެސް އޮޕަރޭޝަންތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށް ވިދާޅުވެފައެވެ.

އަދި އެކަމުގައި މައްސަލައެއްް ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ހެލިކޮޕްޓަރ އޮޕަރޭޓު ކުރުމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް އިންޑިއާއިން އެހީވެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޝަމާލު ވިދާޅުވެފައިވެއެވެ.