Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ޔާމީނަށް ދައުވާ ކުރަނީ ވަކި ބަޔަކަށް ފައިދާއެއް ހޯދައިދިނުމަކަށް ނޫން: ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާ ކުރަނީ ވަކި ބަޔަކަށް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ނޫން ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާތެރޭ ފުލުހުން ވަނީ ކުރީގެ ރައީސް ޔާމީން އާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.

އެގޮތުން ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައެވެ. އަދި އާޒިމާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީލޯންޑަރ ކުރުމުގައި ޔާމީންއާ ބައިވެރިވެ އެހީތެރިވެ ދިނުމާއި އަދި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ކުރިއަށް މަޖިލިސް އިންތިހާބު އޮތުމުން އެކަމަށް ނުފޫޒު ފޯރުވުމަށް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނާއިރު ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މިއީ އެއްވެސް ބަޔަކަށް ސިޔާސީ ގޮތުން ފައިދާއެއް ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ބަލަންޖެހޭ ބެލުންތައް ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށާއި މިދިޔަ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ބައެއްގެ މައްޗަށް ފިޔަވަޅު އަޅާފައިނުވާތީ ފުލުހުންނަށް އެކަމުގެ ފާޑުކިޔުންތައް ސޯޝަލް މީޑިޔާ އަދި ތަފާތު އެކި ފޯރަމްތަކުގައި އަމާޒުވެގެން ގޮސްފައިވާކަން ވެސް ހަމީދު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ފަރާތްތަކަށް އެނގި ހާމަވެގެންދާ ކަހަލަ ގޮތަކަށް އިންޓަނޭޝަނަލް މީޑިޔާގަ އާއި މި ގައުމުގެ ތެރޭގައި ވެސް ކަންތައްތަކެއް އެބަހުރި ހިނގާފަ. އެހެންވީމަ އެފަދަ ކަންތައްތައް ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކަށް ފައިދާއެއް ހޯދައިދޭކަށެއް ނޫޅެން" ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންގެ ގާބިލިއްޔަތުކަން ހުރި މިންވަރުން ތަހުގީގުތަށް ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި މިކަމުގައި ވަކި ފަރާތެއް އިސްތިސްނާ ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.