Last Updated: July 21, 18:30
Sunday, July 21, 2019
ވިޔަފާރި

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވައިފި

ބީއެމްއެލްގެ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވުން - ފޮޓޯ: އައްޑޫ ލައިވް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން އާއި ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ބުނީ އައްޑޫގައި ބިޒްނަސް ސެންޓަރެއް ގާއިމުކުރީ އެއްފުރާޅެއްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަވަސް އަދި ރަނގަޅު ހިދުމަތެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ލޯނު އެޕްލިކޭޝަންތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނައިރު ވިޔަފާރިތަކާ ގުޅޭ ތަފާތު އެކި މައުލޫމާތު ދިނުމަށް ހާއްސަ ރިލޭޝަންޝިޕް އޮފިސަރެއް ވެސް މި ސެންޓަރުގައި އައްޔަން ކުރެވިފައި ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވިގެންދާއިރު އައްޑޫ އަކީ ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ އިންވެސްޓުމެންޓުތަކަށް ބަލާއިރު އެންމެ ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ސިޓީ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބީއެމްއެލް އިން ދެވަނަ އަށް ބްރާންޗެއް ހުޅުވީ އައްޑޫގައި ކަމަށްވާއިރު އެ ސިޓީގައި މިހާރު އެ ކުންފުނީގެ ތިން ބްރާންޗާއި އަށް އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާކަން ނޫރައްދީން ފާހަގަކުރެއްވިއެވެ.

ނޫރައްދީން ވިދާޅުވި ގޮތުގައި ބީއެމްއެލްގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުތަކާއި އަމިއްލަ ފަރުދުންނާއި އަދި އެކި ފެންވަރުގެ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ބޮޑު އެހީއެއް ދިނުން ކަމަށެވެ. އެގޮތުން މިއަހަރުތެރޭ މާލެ އާއި ހުޅުމާލެ އަދި ކުޅުދުއްފުށީގައި މިފަދަ ބިޒްނަސް ސެންޓަރުތަކެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ނޫރައްދީން ވިދާޅުވިއެވެ.