Last Updated: March 29, 16:45
Friday, March 29, 2024
ވިޔަފާރި

ގަން އެއާޕޯޓުގެ އެކްސްޗޭންޖް ކައުންޓަރު ހިދުމަތަށް

އައިޝަތު ނޫރައްދީން - ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރު ފައިސާ މާރުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކޮށްފައިވާ އެކްސްޗޭންޖް ކައުންޓަރުގެ ހިދުމަތް މިއަދުން ފެށިގެން ދޭން ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ސިޓީ ހިތަދޫގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީންއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޝަތު ނޫރައްދީން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ފަރާތުން ގާއިމުކޮށްފައިވާ އެކްސްޗޭންޖް ކައުންޓަރުގެ ހިދުމަތް އިންޓަނޭޝަނަލް ފްލައިޓުތަކުން ޒިޔާރަތް ކުރައްވާ ފަތުރުވެރިންނާއި ދިވެހިންނަށް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ބީއެމްއެލް އިން މަސައްކަތް ކުރާނީ ރައްޔިތުންނަށް އިތުރަށް ފައިދާވާނެ ގޮތްގޮތަށް ބޭންކުގެ މިސްރާބު ބައްޓަން ކުރުމަށް" އޭނާ ވިދާޅުވިއެވެ.

މި އެކްސްޗޭންޖް ކައުންޓަރުގެ ހިދުމަތް ބީއެމްއެލް އިން މިއަދު ދޭން ފެށިއިރު، ބީއެމްއެލް އިން އަންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި މިއަދު ހުޅުވުނުއިރު، އައިޝަތު ނޫރައްދީން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އައްޑޫގެ ވިޔަފާރިތަކުގެ ބޭނުންތައް ދެނެގަނެ އުއްމީދުތަށް ހަގީގަތަކަށް ހަދައިދިނުމުގައި ބީއެމްއެލް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.