Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދަކީ އިންޑިއާ ކަނޑަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތް: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު - ފޮޓޯ: މުހައްމަދު ވަހީދު (ވީނިއުސް)

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންޑިއާ ކަނޑަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަަށް ބުރޫ އަރާފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގެ އަގު ވައްޓާލުމަށް ކެނޑިނޭޅި ނަޝީދު ދައްކަވާ ދޮގު ވާހަކަތަކަކީ މި ގައުމުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ބިރު ކަމަށެވެ. އަދި އިންޑިއާ ކަނޑަށް ޖެހިފައި އޮތް އެންމެ ބޮޑު މުސީބާތަކީ އެއީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި ލޯނު ނެގީ އަނބުރާ ދެއްކޭނެތީ ކަމަށާއި ޗައިނާ އާއެކު އެކުލަވާލެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގެ ސަގާފަތާ ދުރަށް ދިޔުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ، ޗައިނާއިން ބޮޑެތި އަދަދުތަކުގެ ލޯނު ނަގައިގެން ހިންގާފައިވާ މަސައްކަތްތަކަކީ އެފައިސާ ތަކާއި އެއްފަދަ މަސައްކަތްތަކެއް ނޫން ކަމަށެވެ.

އެހެންވެ އެފައިސާ ނުދެއްކުމުން ޗައިނާ ބޭނުންވާނީ އެމަސައްކަތްތަކުގެ ހިއްސާކަމަށާއި އެހިސާބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން ޗައިނާ އަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރަމުންދަނީ އަވަށްޓެރި އިންޑިއާއާއެވެ.