Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރައީސް ނަޝީދު މޯދީއާ ބައްދަލުކުރައްވައިފި

އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ގުޅިފައި އޮތީ ހަމައެކަނި ދިވެހި ރައްޔިތުންނާ އެކަނި ނޫން ކަމަށާއި އެއީ މުޅި މި ސަރަހައްދާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ނަޝީދު މޯދީއާ ބައްދަލުކުރެއްވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ވަނީ ހޫނުވެފައެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ގައުމީ ހަރަކާތެއް ފެށުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަންނަނީ ތައްޔާރުވަމުންނެވެ.

ނަޝީދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އަދި ނެހެރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އޭގެތެރޭގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެގައުމުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ނަޝީދު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން މި ގުޅުން ވަނީ އަލުން ބަދަހިވެފައެވެ.