Last Updated: April 23, 12:16
Tuesday, April 23, 2024
ކުޅިވަރު

ރެއާލް ބަލިވިއިރު ރާމޯސް އަށް ރަތެއް

ސްޕެނިޝް ލީގުގައި މިއަދު ހަވީރު ޖިރޯނާ އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވިއިރު، އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތްކާޑު ދައްކައިފިއެވެ.

މިއަދުގެ މެޗުން ބަލިވުމުން ލީގުގެ ތިންވަނައިގައި ރެއާލް މިހާރު އޮތީ 45 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 47 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެއްވަނައިގައި 54 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓްގައި ކަސެމެއިރޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކްރޫސް ނަގައިދިން ހުރަހަކުން ޖިރޯނާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ރެއާލް އިން ވަނީ ޖިރޯނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ބެންޒެމާ އަށް ވަނީ ގޯލްޖަހާނެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޖިރޯނާގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

އެ ފުރުސަތުގެ ބޭނުން ބެންޒެމާ އަށް ނުހިފުނުއިރު މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއަން ސްޓުއާނީ ވަނީ ޖިރޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ 10 މިނެޓްފަހުން މަންޒަނޭރާ ވަނީ ޖިރޯނާ އަށް މެޗުގެ ލީޑު ނަގާދީފައެވެ.

މެޗުގެ 90 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރާމޯސް އަށް ރަތްކާޑު ދެއްކުމުން، މި މެޗު ރެއާލް އިން ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. މިއީ ސްޕެނިޝް ލީގުގައި ރާމޯސް އަށް ދެއްކި 19 ވަނަ ރަތްކާޑުކަން ފާހަގަކޮށްލެވެއެވެ.

ޖިރޯނާ އަތުން ރެއާލް ބަލިވުމުން އެޓީމުން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާ މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. ރެއާލް އިން ވަނީ ބަލިނުވެ 8 މެޗު ފުރިހަމަކޮށްފައެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ލެވާންޓޭއާއެވެ.