Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ފްރެންޗް ލީގުން މޮރީނިއޯ ފެނުމަކީ އެކަށީގެންވާ ކަމެއް!

ފްރެންޗް ލީގުގައި ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ކޮށްފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ ޑިސެމްބަރު ވަކި ކުރުމުން މޮރީނިއޯ މިވަގުތު ކޯޗުކަމުގެ ދާއިރާއާ ދުރުގައި ހުރިއިރު އޭނާ މީގެކުރިން ވަނީ ކޯޗުކަމުގެ ތިން ފުރުސަތަކަށް ނޫނެކޭ ބުނެފައެވެ. ނަމަވެސް ފުރުސަތުތައް ލިބުނީ ކޮން ކްލަބުތަކަކުން ކަމެއް މޮރީނިއޯ ހާމަކޮށްފައެއް ނުވެއެވެ.

ފްރެންޗް ލީގުގައި އިއްޔެ ލިލް އާއި މޮންޕެލިއޭ ކުޅުނު މެޗު ބަލާލުމަށް މޮރީނިއޯ ދިޔައިރު، އެ މެޗަށްފަހު "ބީއިން ސްޕޯޓްސް" އަށް މައުލޫމާތުދެމުން އޭނާ ބުނީ ފްރެންޗް ލީގުގެ ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތަން ސިފަވާ ކަމަށާއި އޭނާ އަކީ މީގެކުރިން ހަތަރު ގައުމެއްގައި މަސައްކަތް ކޮށްފައިވާ މީހެއްކަމުން އާ ތަޖުރިބާތައް ކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން މިހާރު ހަތަރު ގައުމެއްގައި މަސައްކަތް ކޮށްފިން. އަހަންނަކީ އެހެން ގައުމުތަކުގެ ސަގާފަތް ވަރަށް ބޮޑަށް އެނގެން ބޭނުންވާ މީހެއް. އެގޮތުން އާ ލީގެއްގައި މަސައްކަތް ކުރުމަކީ ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ" މީގެކުރިން ފްރާންސްގެ ޕީއެސްޖީ އަށް ނޫނެކޭ ބުނެފައިވާ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އަވަސް އަރުވާލައިގެން ކޯޗިންގެ ދާއިރާ އަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޒީފާއެއް ނެތި ދެތިން މަސް ދުވަހު ހުންނަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އަލުން ވަރުގަދަކޮށް އެނބުރި އައުމަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ނަމަވެސް މިއީ ކްލަބުތަކާއެކު ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށްވެސް އޭނާ ބުންޏެވެ.