Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

މިނިސްޓަރު މާރިޔާ - ފޮޓޯ: އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފަ ނޫނީ އިންޒާރު ދީފައި ދެން އެހެން ނުތިބެވޭނެ. އެހެންވީމަ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އިސްނަގައިގެން މިހާރު މި ވައްދަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭ އަޅުގަނޑުމެން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން" އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ ކަންތައްތަކާއި ދައްކަވާ ވާހަކަތައް ވެސް ބަލާނެ ކަމަށާއި އެއަށްފަހު އެ ފަރާތްތަށް ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިދިކޮޅުގައި ތިބެފަ ވެރިކަމަށް އައިސްފަ، އަނެއްކާ އިދިކޮޅަށް މި އައީ. އެހެންވީމަ ކުރިއަށް ވުރެ އަޅުގަނޑުމެން ފަރިތަވާނެ މިހާރު އިދިކޮޅުގައި ތިބެން" އަދުރޭ ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ދެން ސަރުކާރަށް މަޑުން ނުތިބެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އަދުރޭ ވިދާޅުވިއިރު، މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ފަހަރެވެ.