Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސިޔާސީ ލީޑަރުން އެންމެ ބިރު ގަންނަނީ ޔާމީން ދެކެ: އަދުރޭ

ކުރީގެ ރައީސް ޔާމީން އާއި އަދުރޭ - ފޮޓޯ: ސަން

ރާއްޖޭގެ ސިޔާސީ ލީޑަރުން އެންމެ ބިރު ގަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މި ގައުމުގައި ތިބި ސިޔާސީ ލީޑަރުން އެންމެ ބޮޑަށް ބިރު ގަންނަ ލީޑަރަކީ ޔާމީން ކަމަށާއި އެގޮތުން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ޔާމީން އުޅުއްވަމުން ވެސް އެމަނިކުފާނާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދެއްކި ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު އެމަނިކުފާނާ ގުޅޭގޮތުން 800 މިލިއަން ޑޮލަރެއްގެ ވާހަކައެއް ވެސް ދެއްކި ކަމަށާއި އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓީއަކަށް ވެސް ޔާމީން ހާޒިރު ކުރެއްވިކަން އަދުރޭ ފާހަގަކުރެއްވިއެވެ.

"އެންމެފަހުން އެމްޑީޕީގެ ތެރެއިން ބޭފުޅުން ނޫންތޯ ވިދާޅުވީ މިކުރެވޭ ކަމަކީ، އާއްމު ރައްޔިތުން ކުރިމަތީ ރައީސް ޔާމީން ދޮވެ ދިނުމުގެ މަސައްކަތޭ. އެހެންވީމަ މިއަދުވެސް ވާނީ އެހެން. މިއަދުވެސް އެމީހުންނަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ދޫނުދެއްވާނެ ކަމަށް މި ސަރުކާރުން ބުނާއިރު، އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް މި ސަރުކާރު ވަޒީރުކަން ދެއްވާފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ކޮރަޕްޝަނަށް މަގުފަހިކުރަން އައި ސަރުކާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.