Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ޔާމީންގެ ދިފާއުގައި ނިކުތީ 100 އެއްހާ މީހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރުމާ ގުޅިގެން އެމަނިކުފާނުގައި ދިފާއުގައި 100 އެއްހާ މީހުން ނިކުމެ އަޑު އުފުލައިފިއެވެ.

މި އަމުރާ ގުޅިގެން ޔާމީން ޖަލަށް ގެންދިޔުމަށް ލޯންޗަށް އެރުވި ވަގުތު، އެ ސަރަހައްދަށް 100 އެއްހާ މީހުން އެއްވެ ތިބެ ވަނީ އަޑުއުފުލާފައެވެ. ނަމަވެސް އެއްވި ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ އަދި ކޮންގްރެސް ޕާޓީގެ އިސްވެރިން ނުހިމެނެއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.

ޔާމީންގެ އިތުރުން މި މައްސަލަތަކުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާއެވެ.