Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އަޅުގަނޑަކީ ރިޝްވަތު ދޭނެ މީހެއް ނޫން: ޔާމީން

ގއ. ވިލިނގިލި (8 އޮގަސްޓު 2018) - ރައީސް އަބްދުﷲ ޔާމީން ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ކުރިއަށްގެންދާ މަގު ހެދުމާއު، ހައުސިން ޔުނިޓު ނިންމުން އިފްތިތށހު ކުރުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފައިސާގެ ގިނަ މުޢާމަލާތުތަކެއް ކޮށްފައިވާ ސްކޯސް އޮފް ފްލެއާސް، އެސްއޯއެފްގެ ޗެކަކުންނެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް މިހާތަނަށް އޭސީސީން ކަނޑައަޅާފައިނުވާ ކަމަށާއި އެ ފައިސާ ހުންނާނީ ދެ ފަރާތުން އެއްބަސްވެ ހަދާފައިވާ އެކްސްކްރޯ އެކައުންޓެއްގައި ކަމަށެވެ. އަދި އެ ފައިސާ އެ އެކައުންޓުގައި ބެހެއްޓީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އަނބުރާ އެ ފައިސާ ނެގޭނެ ގޮތް ހެދުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

އެސްއޯއެފްގެ ފައިސާއަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެހެންކަމުން އެސްއޯއެފްގެ ފައިސާތަކެއް އެމަނިކުފާނުގެ އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާ އެމަނިކުފާނަށް ނުދެވެންވީ ސަބަބެއް ވެސް ނެތް ކަމަށާއި އެ ފައިސާ ލޯންޑާކުރުމަށް ކުރުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވަނީ ރިޝްވަތު ދީގެން އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.