Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައުޝަން މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ރައުޝަން ޖިއާން

މިދިޔަ ޑިސެމްބަރު މަހުތެރޭ މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާ އެއް ބޮލަށް ވެއްޓި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައެވެ. މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝަށް އުފަން ހަތް އަހަރުގެ ރައުޝަން ޖިއާންއެވެ.

އެ ކުއްޖާ މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވިކަން ހާމަކުރެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ހަމީދު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ދައުވާކުރަން ފޮނުވީ މީގެ ދެ ހަފްތާ ކުރިންނެވެ. ނަމަވެސް މި މައްސަލާގައި ދައުވާކުރަން ފޮނުވީ ކޮން ބައެއްގެ މައްޗަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ރައުޝަންގެ އާއިލާއިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ މަންމަ ޑރ.ފަރުޒާނާ ހުސެއިން ވަނީ ރައުޝަން އަށް އިންސާފު ލިބެންދެން ރާއްޖޭގައި މަޑުކުރާނެ ކަމަށް ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުން ކަމަށް ގަބޫލުކުރާ ކަމަށާއި އަދި މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކުން ބުރަކޮށް މަސައްކަތް ކުރަމުން ދިޔުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ފަރުޒާނާ ބުންޏެވެ.

"އެނބުރި މާލެ މި އައީ ދަރިފުޅަށް އިންސާފު ހޯދަން" ފ. ނިލަންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދާ ފަރުޒާނާ ބުނެފައިވެއެވެ.