Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އެއްވެސް މީހެއްގެ ފަރާތުން ބަދަލު ހިފުމުގެ ޝައުގެއް ނެތް: އަލީ ޒާހިރު

އެއްވެސް މީހެއްގެ ފަރާތުން ބަދަލު ހިފުމުގެ ޝައުގުވެރި ކަމެއް ސަރުކާރުގެ ނެތް ކަމަށް ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އަލީ ޒާހިރު ވިދާޅުވީ ބަދަލު ހިފުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި ނަމަވެސް ކޮންމެ ފަރާތަކުން ވެސް ގާނޫނާ ހިލާފުވެފައިވާނަމަ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި އެ ބޭފުޅުން ވައުދުވީ އެ ފަރާތްތަށް ޖަވާބުދާރީ ކުރުވައި އިންސާފު ގާއިމުކުރުމަށް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.