Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލާނަން: ރިޔާޒު

އަބްދުﷲ ރިޔާޒު - ފޮޓޯ: އައްޑޫ ލައިވް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލައްވާނެ ކަމަށް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ގެއްލޭފަދަ ކަމެއް މާރިޔާ ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައެއް ފެއިލްކޮށްލައްވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފަ ނޫނީ އިންޒާރު ދީފައި ދެން އެހެން ނުތިބެވޭނެ. އެހެންވީމަ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އިސްނަގައިގެން މިހާރު މި ވައްދަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭ އަޅުގަނޑުމެން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން" އަދުރޭ ވިދާޅުވިއެވެ.

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އަދުރޭ ވިދާޅުވިއިރު، މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ފަހަރެވެ.