Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ޔުނައިޓެޑް ކުއާޓާ އަށް

ގޯލަށްފަހު ހެރޭރާ އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ އިމޭޖެސް

2-0 އިން ޗެލްސީ ބަލިކުރުމަށްފަހު އެފްއޭކަޕްގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ޗެލްސީން ރަނގަޅު ކުޅުނުއިރު ނުރައްކާތެރި ދެ ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ޕެޑްރޯ ފޮނުވާލި ބާރު ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ރޮމޭރޯ ދިފާއުކުރިއިރު ފުދޭވަރަކަށް ހުހަށް ހުރެ ހިގުއައިން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 31 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ޕޮގްބާ ނަގައިދިން ހުރަހަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެރޭރާއެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ރަޝްފޯޑް ނަގައިދިން ހުރަހަކުން ޕޯލް ޕޮގްބާ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީން ކަމަށްވާއިރު، މި ހާފުގައި ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ޗެލްސީ އަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ. މި ހާފުގައި ޔުނައިޓެޑްގެ ޑިފެންޑަރުންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނުކަން ފާހަގަކޮށްލެވެއެވެ.

އެފްއޭކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ މުބާރާތުން ކެޓިއިރު، މުބާރާތުގެ ކުއާޓާގައި ޔުނައިޓެޑް ބައްދަލުކުރާނީ ވުލްވްސްއާއެވެ. އަދި މެންޗެސްޓަރ ސިޓީ ބައްދަލުކުރާނީ ސްވެންސީ ސިޓީއާ ކަމަށްވާއިރު، ވޮޓްފޯޑް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ބްރައިޓަން އައި މިލްވޯލްއެވެ.

އެފްއޭކަޕްގެ ކުއާޓާފައިނަލްގެ މެޗުތަށް ކުޅޭނީ އަންނަ މަހުގެ މެދުތެރޭގައެވެ.