Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ޔާމީންގެ ޝަރީއަތް ކުރިއަށްދާނީ އާންމުކޮށް ހުޅުވާލައިގެން: ޕީޖީ

ތުލުސްދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްސުﷲ ޔާމީން، ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށްދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޕީޖީ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަައިވާ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެ ކަމަށެވެ. އެހެންކަމުން އެ އެޝަރީޢަތް ކުރިއަށް ދާނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.