Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

"މި ވެރިކަމުގައި ސިޔާސީ ދައުވާތައް ނުކުރާނެ ކަމަށް އުއްމީދު ކުރިން"

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ - ފޮޓޯ: ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިޔާސީ ދައުވާތައް ނުކުރައްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެއްވި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝައިނީ މިހެން ވިދާޅުވިއިރު ޔާމީންގެ ވެރިކަމުގައި ސިޔާސީ އެކި ފަރާތްތަކަށް ތަފާތު އެކި ދައުވާތައް އުފުލައި ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.

އެގޮތުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަމުރު ކުރެއްވީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ.