Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

މާރިޔާ އަށް ހުރިހާ ޕާޓީއަކުން ވެސް އިތުބާރު ކުރޭ: އެމްޑީޕީ

ޑިފެންސް މިނިސްޓަރު މާރިޔާ ، އަވައްޓެރި އިންޑިޔާގެ ސިފައިންނާއި އެކު، އިންޑިއާ ބޭނުން ވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި- ފޮޓޯ: މާރިޔާ އަހުމަދު ދީދީ

އެމްޑީޕީ އެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ތާއީދުވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އޮންނާނެ ކަމާމެދު ޔަގީންކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީން ނިންމާފައިވާއިރު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

މާރިޔާ ޑިފެންސް މިނިސްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތަޢުރީފު ޙައްޤުވާ މިންވަރަކަށް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

"އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް އެކަމަނާ ކުރައްވާފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މާރިޔާގެ މައްޗަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އަދި އެމް.ޑީ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އެހެން ޕާރޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް މާރިޔާގެ އިތުބާރު އޮތްކަމަށް ވޯޓް ދެއްވާނެ ކަމަށް ޔަގީން ކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.