Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޔާމީން ހުންނެވީ ވަރަށް ސާބިތު ކަންމަތީގައި: ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ސާބިތު ކަންމަތީގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ޔާމީންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމަނިކުފާނުގެ ވަކީލު ޝިޔާޒު ވިދާޅުވީ ޔާމީން ހުންނެވީ ވަރަށް ސާބިތު ކަންމަތީގައި ކަމަށާއި ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު އާކުރައްވާ އަޒުމު ވަރުގަދަކޮށް ސަފުތައް ބަދަހިކޮށްގެން ތިބުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ.

"އުއްމީދަކީ ވީ އެންމެ އަވަހަކަށް ސަޕޯޓަރުންނާއި ބައްދަލުވުން ކަމަށްވެސް ވިދާޅުވި" ޔާމީނާއި ހަވާލާވީ ޝިޔާޒު ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.