Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޕެޕާ ސްޕްރޭ ޖެހުމުން ހަދަންވީ ގޮތް ނިޒާރު ކިޔާ ދެއްވައިފި

ޕެޕާ ސްޕްރޭ ޖެހުމުން ހަދަންވީ ގޮތް އިދިކޮޅު ފަރާތްތަކަށް، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ކިޔާ ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އައިޖީއެމްއެޗަށް ގެެނެސް ފަރުވާދޭން ފެށުމުން، އެ ސަރަހައްދަށް އެއްވި ޕީޕީއެމް އަދި ޕީއެންސީގެ ފަރާތްތަށް ދުރުކުރުމުގެ ގޮތުން ވަނީ ޕެޕޭ ސްޕްރޭ ޖަހާފައެވެ. ޕެޕޭ ސްޕްރޭ ޖެހި ވަގުތު އެ ސަރަހައްދުގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ތިއްބެވިއެވެ.

ޕެޕޭ ސްޕްރޭ ޖެހުމުން ހަދަންވީ ގޮތް ހާމަކޮށް ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެޕޭ ސްޕްރޭ ޖެހުމުން މޫނަށް ފެން ނޭޅުއްވުމަށް އިލްތިމާސްކޮށްފައެވެ. އޭރުން މާބޮޑަށް ދިލަ ނަގާނެ ކަމަށާއި މިއީ ތަޖުރިބާއާ އެކު ދަންނަވާ ވާހަކައެއް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރުގެ މި ޓްވީޓުގައި ވަނީ ނިހާން އަދި އަދުރޭ ޓެގު ކުރައްވާފައެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ޔާމީން އައިޖީއެމްއެޗް އަށް ގެނެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑަިގަތުމަކަށް ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންނަކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ކުރިޔާލައި ފޯރުކޮށްދީފައިވެސް ނުވާ ކަމަށެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.