Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި

ކުރީގެ ރައީސް ޔާމީން، ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވައިފިއެވެ.

ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފައިވާކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ "އައްޑޫ ލައިވް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

"އެޑްމިޓަކީ އެމީހުން ރާވައިގެން ހިންގި ކަމެއް. ރޫޓިން ޗެކަޕެއް ހެދުމުގެ ނަމުގައި ރައީސް ޔާމީން މި ގެނައީ. ދެން ޗެކައަޕް ކުރާ ކަމަށްވަންޏާ ހަމަ ރަނގަޅަށް ޗެކައަޕް ކުރީއްޔާތާ ރަނގަޅުވާނީ. ރައީސް ޔާމީން އެ ހުންނެވީ މަޑުކޮށްލައްވައިގެން" ނިހާން ވިދާޅުވިއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ގޮތުގައި ޔާމީން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޮޅުވާލުމެއްގެ ތެރެއިންނެވެ. އަދި މިއީ ގަސްދުގައި ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ހީފުޅުކުރައްވައިގެން ހުންނެވީ އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮތުމުން ކޯޓަށް ގެނައި ގެނައުމެއް ކަމަށް. އެހެން ނަމަވެސް އައިޖީއެމްއެޗާ ހަމައަށް ގެނައުމުން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވީ ހޮސްޕިޓަލަކަން މި ގެނައީ. އެމަނިކުފާނުގެ ރިކުއެސްޓު ކުރެއްވުމަކާ ނުލާ ގަސްދުގައި ރާވައިގެން އޮޅުވާލުމެއްގެ ތެރެއިން ހޮސްޕިޓަލަށް މި ގެނައީ" އަދުރޭ ވިދާޅުވިއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.