Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މަސް ކިރުވުމަށްފަހު ފައިސާ ނުލިބިގެން އުޅޭކަށް ދެން ނުޖެހޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މަސް ކިރުވުމަށްފަހު ފައިސާ ނުލިބިގެން މަސްވެރިން ދެން އުޅެން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް އިފްތިތާހުކުރުމަށް މިރޭ ގއ. ކޫއްޑޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިޔާ ކާޑުގެ ހިދުމަތް ފެށުމުން މަސް ކިރުވުމާއެކު އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދެވޭނެ ކަމަށާއި އެއާއެކު އެ ކާޑާއެކުގައިވާ ޑިޖިޓަލް ވޮލެޓު ބޭނުންކޮށްގެން ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓުތަކަށް ވެސް ވަގުތުން ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.

"އެހެންވީމާ މީގެކުރީގައި ކަން ހިނގި ގޮތަށް މަސް ކިރުވި، ފައިސާ ނުލިބުމުގެ ހިތާމާގައި ދުވަސް ގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކާ ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ" ރައީސް ވިދާޅުވިއެވެ.

މަސްވެރިޔާގެ ކާޑުން ކުރެވޭ ބޭނުންތަކަށް ބަލާއިރު މި ހިދުމަތަކީ މަސްކިރާ ކުންފުނިތަކުން ވަގުތުން ނަގުދު ފައިސާ ދިނުމަށް ވުރެ ވެސް މާ ރައްކާތެރިކަމާ ފުރިހަމަ ގޮތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އޮޑިވެރިންނަށް މި ކާޑުން ލިބޭނެ އެންމެ ބޮޑު ފަސޭހަޔަކީ ތެޔޮ ގަތުމާއި އައިސް ގަތުން ފަދަ ކަންކަމަށް އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުއާމަލާތަކަށް އިތުރު އެއްވެސް ފީއެއް ނުނެގޭނެ. މި ކާޑުން ހޯދޭނެ ހިދުމަތްތަކާއި ލިބޭ ފަސޭހަތަކަށް ބަލާއިރު މިއީ މާސިންގާ ކަނޑެއްގެ ތެރެއަށް ފެތުރިފައި އޮތް ޖަޒީރާ ގައުމަކަށް ވަރަށް އެކަށޭނެ ގޮތަކަށް ފައްކާ ކުރެވިފައިވާ ކާޑެއް. އަބަދާ އަބަދު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހިފައިވާ ބަޔަކަށް ނަގުދު ފައިސާއާ ނުލާ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑު ރައްކާތެރި ކަމެއް" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށް ވެސް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރާއި، މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތައް އެކުގައި އުފުލަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އަދި ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން ކަމުގައި ވިދާޅުވެ، އެ އަމާޒަށް އެކުގައި މަސައްކަތް ކުރުމަށް އެންމެންގެ ކިބައިން ވެސް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަނި ނޫން ކަމަށާއި، އެއާއެކު ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.