Last Updated: April 19, 19:29
Friday, April 19, 2024
ވިޔަފާރި

ބީއެމްއެލް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފިއެވެ.

ގއ.ކޫއްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު ތައާރަފްކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

ބީއެމްއެލް އިން ބުނީ އަލަށް ތައާރަފްކުރެވުނު މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާ ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގޭނެ ކަމަށެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. މިއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަަށްކުރެވިގެންދާނެއެވެ.

މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ޚިދުމަތް އެންމެންނަށް ވީހާވެސް ގާތުން ފޯރުކޮށްދެވޭނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

އެހެންކަމުން މަސްވެރިންނަށް މި ތައާރަފްކުރެވެނީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ޚިދުމަތެއްކަން ޝަރީފު ފާހަގަކުރެއްވިއެވެ.

"މަސްވެރިންނަށް ދޫކުރާ މަސްވެރިޔާ ކާޑު މެދުވެރިކޮށް ރައްކާތެރިކަމާއެކު ނަގުދު ފައިސާ އާ ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުންނަވައިގެން ބޭންކިންގ ޚިދުމަތް ހޯދޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ލިބޭނެ އެންމެ އުފާރި އެއް ޚަބަރަކީ މިގޮތަށް މަސްވެރިޔާ ކާޑު މެދުވެރިކޮށް ލިބޭ އާމްދަނީ އަށް ބަލައި ބޭންކުން ފަސޭހައިން ލޯނު ދިނުމުގެ ފުރުސަތު ފަހިވެގެން ދިޔުން" ޝަރީފް ވިދާޅުވިއެވެ.