Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުވެންޓަސް ބަލިކޮށް އެތްލެޓިކޯ ކުއާޓާއާ ގާތަށް

ގޯލަށްފަހު ހިމިނޭޒް އުފާފާޅުކުރަނީ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްގެ މައްޗަށް 2-0 އިން ކުރި ހޯދާ މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް އެތްލެޓިކޯ މެޑްރިޑުން ޖެހިލައިފިއެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމުން ކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގައި އެތްލެޓިކޯ އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ވަނީ ގޯލެއް ކާމިޔާބުކުރަން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

އެގޮތުން އެތްލެޓިކޯގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ގްރިޒްމަން ފޮނުވާލި ހަމަލާ އަމާޒުވީ ޔުވެންޓަސްގެ ގޯލުގެ ދަނޑި އަށެވެ. މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ހިމިނޭޒް ވަނީ އެތްލެޓިކޯ އަށް ލީޑު ނަގާދީފައެވެ.

އަދި އޭގެ ފަސް މިނެޓް ފަހުން ޑިއޭގޯ ގޮޑީން އެތްލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މި ގޯލު ވަދެފައިވަނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގައިގައި ޖެހިފައެވެ. މިއީ 2014 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ގޮޑީން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުވެންޓަސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު އެތްލެޓިކޯގެ ގޯލަށް މާބޮޑު ނުރައްކަލެއް ވެސް އެޓީމަށް ވަނީ މި ހާފުގައި ކުރެވޭ ގޮތް ނުވެފައެވެ.

ރޭގެ މޮޅާއެކު މުބާރާތުގެ ކުއާޓާއާ ގާތަށް އެތްލެޓިކޯ އިން ޖެހިލާފައިވާއިރު، މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.