Last Updated: March 28, 16:50
Thursday, March 28, 2024
ކުޅިވަރު

ޝާލްކޭ އަތުން ސިޓީ އަށް އުނދަގޫ މޮޅެއް

ސިޓީ މޮޅުވި ގޯލު ކާމިޔާބުކޮށްދިން ރަހީމް ސްޓާލިން

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޝާލްކޭ އަތުން އުނދަގޫތަކަކަށްފަހު 2-3 އިން މެންޗެސްޓަރ ސިޓީ ކުރި ހޯދައިފިއެވެ.

ޝާލްކޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. އެގޮތުން ސިލްވާ ދިން ޕާހަކުން މެޗުގެ 18 ވަނަ މިނެޓްގައި މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސާޖިއޯ އަގުއެރޯއެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓްގައި ޝާލްކޭ އަށް ލިބުނު ޕެނަލްޓީއަކުން ބެންތަލެބް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޝާލްކޭ އަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޝާލްކޭ އަށް މެޗުގެ ލީޑު ނަގައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ބެންތަލެބްއެވެ.

ޝާލްކޭ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 68 ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑަރު އޮޓެމެންޑީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި ސިޓީން ފުރިހަމަ ކުރަންޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓްގައި ސިޓީން ނަތީޖާ އެއްވަރުކުރިއިރު، ސިޓީ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާލްކޭ އަށް ކުރިން ކުޅުނު ލީރޯއި ސާނޭއެވެ.

އަދި މި މެޗުން ސިޓީ މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މިއީ މި ސީޒަނުގައި ސްޓާލިން ސިޓީ އަށް ކާމިޔާބުކޮށްދިން 16 ވަނަ ގޯލެވެ،

ރޭގެ މެޗުން ސިޓީ މޮޅުވިއިރު މިއީ އެޓީމުން ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ. މި ދެ ޓީމު ޝާލްކޭގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.