Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ޔާމީން ހައްޔަރުކުރީ ޕްރޮގްރެސިވް ކޯލިޝަނަށް ދަތިކުރަން: ނިހާން

އަހުމަދު ނިހާން ހަސަން މަނިކު ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕްރޮގްރެސިވް ކޯލިޝަނަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން "އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔާމީން ހައްޔަރުކުރުމާ ގުޅިގެން މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީޕއެމް އާއި ޕީއެންސީން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"ގަސްދުގައި މިކަން މިގޮތަށް މިކުރީވެސް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަޖިލިސް އިންތިހާބަށް ނިކުންނަ މެމްބަރުންނަށް ދަތި ކުރުވަން. އެއްވެސް ކަމެއް ފަސޭހަވާނެ ގޮތެއް ނުދޭން ވެގެން. ރައީސް ޔާމީން ހައްޔަރުކުރުމުގެ ފުރަތަމަ ބޭނުމަކީ އެއީ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ކަންތައްތައް ކުރަމުންދަނީ އެމްޑީޕީގެ ބައެއް ވެރިންގެ އިސް އެޖެންޑާއެއްގެ ދަށުންނެވެ. އަދި މިކަން މިގޮތަށް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ބާރުއަޅާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވިއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

އަދި އިއްޔެ ހަވީރުގެ ވަގުތެއްގައި ރޫޓީން ޗެކަޕްއަކަށް ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފައިވާއިރު، ފަހުން އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.