Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްއެމްޕީއާރްސީ އަކީ ޔާމީން ކުރެއްވި ވައްކަމުގެ ކުޑަ މިންވަރެއް: ނަޝީދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ ވައްކަމުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ.ތުޅާދޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިން އިވެންޓެއްގައި މިރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީން ވައްކަން ކުރައްވާފައި ނުވަތަ ހިޔާނާތްތެރި ވެފައިވަނީ ހަމައެކަނި އެމްއެމްޕީއާރްސީން ނޫން ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިނގާފައިވާ ވައްކަމާއި، ސީދާ ކަނޑައެޅިގެން ރާއްޖޭގެ ބައިތުލްމާލުން ނަގާފައިވާ ފައިސާ އާއި، އަދި އޭގެ އިތުރުން ބޭރުގެ ބޮޑެތި ޖަމާއަތްތަކާއި އެކިއެކި ނާޖާއިޒު ގޮތް ގޮތަށް ހޯދާފައިވާ ފައިސާ ރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް، އެ ފައިސާ ދައުރުކުރުވާ، ދޮވެ ހަދާ، އޭގެއިން ކޮށްފައިވާ ވައްކަން މާ ބޮޑު. އެތަށް ސަތޭކަ މިލިއަން ޑޮލަރަކަށް އެބަ އަރާ" ނަޝީދު ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް މިހާރު އެ މައްސަލަތަށް ތަހުގީގު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަތަށް ތަހުގީގުކޮށް އޭގެއިން ނަތީޖާ ނެރޭނެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތްކަމަށްވާނަމަ މި މައްސަލަތަކުގެ އެންމެ ފުންމިން ނުހޯދޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގައި "ތިލަފަތަށް" ވޯޓު ދެއްވުމަށް ނަޝީދު ވަނީ މިރޭގެ ޖަލްސާގައި ވެސް އެދިވަޑައިގެންފައެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

އެ ދައުވާގެ ޝަރީއަތް ފަށާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.