ވިޔަފާރި

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އިތުރު ދެ ފަރާތަކަށް ދީފި

ވީވާ ކެފޭ - ފޮޓޯ: ފޭސްބުކް

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އިތުރު ދެ ފަރާތަކަށް މިއަދު ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ހުއްދަ މިއަދު ދީފައިވަނީ އެކްސްޕްރެސް މާޓް އަދި ވީވާ ކެފޭ އަށް ކަމަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މިނިސްޓްރީން އިއްޔެ ވަނީ ތިން ކެފޭ އަކަށް ވެސް ދީފައެވެ. އެ ތިން ކެފޭ އަކީ ދަ ސީހައުސް، ސަފްރޮން ކެފޭ އަދި ނައިސް އެން ސްޕައިސްއެވެ.

24 ގަޑިއިރު ވިޔަފާރި ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދެނީ އެކަމަށް ހާއްސަ ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަތުރުތައް ހަމަވާ ފަރާތްތަކަށެވެ. ރެސްޓޯރެންޓުތަކުގެ އިތުރުން އެ ހުއްދަ ފިހާރަތަކަށް ވެސް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ 24 ގަޑިއިރު ވިޔަފާރިކުރެވޭނެ ސަރަހައްދުތަކެއް ވެސް ކަނޑައަޅާފައެވެ. އެެ ސަރަހައްދުތަކަކީ ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީ މަގު، ސޯސަން މަގު، މެދުޒިޔާރަތް މަގު، ޖަނަވަރީ މަގު، މަޖީދީ މަގު، ބުރުޒުމަގު، އޯކިޑު މަގު، އަމީނީ މަގު، ލޮނުޒިޔާރަތް މަގު، ވިލިނގިލި ފެރީ ޓާމިނަލް އަދި ޗާންދަނީ މަގެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗަށެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށްވެސް އެ މިނިސްޓްރީގެ ބުނެއެވެ.