Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެމްޑީޕީ އަކީ ބިނާކުރާ ބައެއް، ތަންތަން ތަޅާ ބައެއް ނޫން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އައްޑޫލައިވް

އެމްޑީޕީ އަކީ ބިނާކުރުމުގެ މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ތަންތަން ތަޅާ ބައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދުގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުތެރޭ އައްޑޫގައި ތަފާތު ބިނާތަކެއް ކުރާނެ ކަމަށާއި ނަމަވެސް ޕީޕީއެމްގެ މީހުން ދެން ވެރިކަމެއް އަތުވެއްޖެނަމަ މި ސަރުކާރުން ކޮށްފައިވާ ބިނާތައް ތަޅާލަން އުޅޭނެ ކަމަށެވެ.

ނަމަވެސް މީގެކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންކަން ހަލާކު ކުރުމަށް މި ސަރުކާރުން ނޫޅޭނެ ކަމަށާއި އެމްޑީޕީ އަކީ ބިނާކުރާ ބައެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ތަންތަން ތަޅާ ބައެއް ނޫން. ތަންތަން ރޫޅާ ބައެއް ނޫން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ތަންތަން ބިނާކޮށް، ތަރައްގީކޮށް، ކުރިއެރުވުމަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު ރައީސްއަކަށް ހުންނެވިއިރު ދުވަސްވަރު އައްޑޫގައި ބިނާކުރެއްވި ކޮންވެންޝަން ސެންޓަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރޫޅާލައި އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފައެވެ.

މި ހަފްލާގައި އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަސައްވުރުގައި އެންމެ ފުޅާމިނަށް ހިތަދޫގެ ތަރައްގީގެ ކަންކަން ކުރިއަށްދާނެ ކަމަށާއި އިންތިހާބާ ދިމާކޮށް "ދަޅައެއް" ދައްކާލުމަށް ވާހަކަތަކެއް އެ ރަށުގެ ރައްޔިތުންގެ ކައިރީ ބުނަން ނުޖެހޭނެ ކަމަށެވެ.

މީގެއިތުރުން މި ޖަލްސާގައި ވެސް ނަޝީދު ވަނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަން ހާމަކޮށް، އައްޑޫގެ ހަތް ދާއިރާގެ ގޮނޑި ވެސް އެމްޑީޕީ އަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.