ވިޔަފާރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޓީސީސީގެ ފެރީއާއި ބަހުގެ ހިދުމަތް ހިލޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގެ ތެރޭގައި ބާރުވެރިކޮށް އެފަރާތްތަކަށް ލިބޭ ޙިދުމަތްތައް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން އެމްޓީސީސީ އިން ދެމުންގެންދާ ފެރީ އަދި ބަހުގެ ޙިދުމަތް ހިލޭ އެފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ގޮތުގައި ރެޖިސްޓްރީ ކުރުމުން، އެންސްޕާ އިން ފޯރުކޮށްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމުން އެފަރާތްތަކަށް އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޙިދުމަތްތައް ހިލޭ ލިބޭނެ ކަމަށެވެ.

އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސޭބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަވާނެވާނެ
ފަދަ ގޮތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަށް މުޖުތަމައުތެރޭގައި ފުރުސަތުތައް ފަހިކޮށް ދިނުމަކީ އެމްޓީސީސީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ދާއިރާއިން ގައުމީ އިނާމުވެސް އެމްޓީސީސީން ވަނީ 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.