ޚަބަރު

ޔާމީންގެ މައްސަލާގައި ހުރި ކަންބޮޑުވުންތައް އެމެރިކާ ސަފީރާ ހިއްސާކޮށްފި

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ސައީދު އާއި ނައިފަރު ދާއިރާގެ ޕީޕިއެމް މެމްބަރު އަދި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝިޔާމްއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ކޮންގްރެސް ޕާޓީގެ ވަގުތީ އިންޓެރިމް ކޮމިޓީގައި ހިމެނޭ އާމިނަތު ލަޔާލް ބުނީ މި ބައްދަލުވުމަކީ ޔާމީންގެ މައްސަލާގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތާއި އަދި އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ޔާމީން މިވަގުތު އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައެވެ.

އަދި ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ހަދަންޖެހޭ ބައެއް ޓެސްޓުތައް ރާއްޖެ އިން ނުހެދޭނެ ކަމުގެ ލިޔުން ޑޮކްޓަރުން މިހާރު ދެއްވާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ( އަދުރޭ) އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ހިއްސާކުރި ކަމަށާއި ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް އަދި މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.