ޚަބަރު

"މަސައްކަތް ކުރާ ތަންތަނުގައި މީހުން ނިންދުވުމަކީ އަޅުވެތި ކުރުވުން"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަސައްކަތް ކުރާ ތަންތަނުގައި މީހުން ނިންދުވަން މަޖުބޫރު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އއ.އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަސައްކަތް ކުރާ ތަންތަނުގައި މީހުން ނިންދުވުން މަޖުބޫރު ކުރުމަކީ އަޅުވެތިކަމުގެ ބާވަތެއް ކަމަށާއި އެ ބާވަތުގެ ކަންކަމަކީ ތަހުޒީބު ތަނެއްގައި ހިނގާނެ ކަމެއް ނޫން ކަމަށެވެ.

"މި އުސޫލުން ދުނިޔޭގައި މީހުން މަސައްކަތް ކުރުވުން ހުއްޓުވުން ހުއްޓާލައިފި މިދިޔަ 1900 ގަރުނު ފެށުނުތަނާ. އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން ފަދަ ތަންތަން ހުއްދައެއް ނުކުރޭ ޕްލާންޓު ނުވަތަ ފެކްޓަރީގައި މީހުން ނިންދަވާކަށް. އުވަގަށާ ރާނާ މީހެއްގެ، އުވަ ގަށާ މެޝިނުގެ މައްޗަށް އެ އުވަ ގަށާ މީހާ ނުއެއް ނިންދެވޭނެ. ރިސޯޓެއް ހިންގަން އުޅޭ މީހާ އޭނާގެ ބަދިގެ ތެރޭގައި އޭނާ މީހުންނެއް ނުއެއް ނިންދެވޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެޖެންޑާ 19 ގެ އެއް އަމާޒަކީ ޑިއުޓީ ގަޑިއަށް މަސައްކަތް ކުރާ ތަނަށް ދެވޭނެ ގޮތަށް ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަނބިދަރިންގެ ކައިރިއަށް އައިސް އުޅެވޭނެ ގޮތް އެޖެންޑާ 19 އިން ފަހިކޮށްދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ކޮންވެންޝަން ސެންޓަރާއެކު އެރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.