ކުޅިވަރު

ރޮނާލްޑޯގެ ހެޓްރިކުން ޔުވެންޓަސް ކުއާޓާ އަށް

ތިންވަނަ ގޯލަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ އިމޭޖެސް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް 3-0 އިން ކުރި ހޯދާ މުބާރާތުގެ ކުއާޓާފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އެތްލެޓިކޯ އިންނެވެ. އެހެންކަމުން މުބާރާތުގެ ކުއާޓާ އަށް ޔުވެންޓަސް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ގޯލަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ – ފޮޓޯ: ގެޓީ އިމޭޖެސް

ފުރަތަމަ ލެގުގެ މެޗާ ހިލާފަށް ރޭގެ މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 27 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބާނަޑެސްކީ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

މި ގޯލަށްފަހު ވެސް އެތްލެޓިކޯގެ ޑިފެންސްލައިނަށް ޕްރެޝަރު ކުރަން ޔުވެންޓަސް އިން މަސައްކަތް ކުރަމުންދިޔައިރު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އެތްލެޓިކޯގެ މޮރާޓާ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޔުވެންޓަސް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: ގެޓީ އިމޭޖެސް

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކަންސެލޯ ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ތަފާތު ކުޅުމެއް ދެއްކި ރޮނާލްޑޯއެވެ.

މި ހާފުގައި ޔުވެންޓަސްގެ ގޯލަށް އެތްލެޓިކޯ އަށް މާބޮޑު ނުރައްކަލެއް ކުރެވިފައިނުވާއިރު، މެޗުގެ 86 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް މުބާރާތުގެ ކުއާޓާފައިނަލްގެ ޖާގައެއް ޔުވެންޓަސް އަށް ކަށަވަރުކޮށްދީފައެވެ.

ޔުވެންޓަސްގެ ތިންވަނަ ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދެނީ – ފޮޓޯ: ގެޓީ އިމޭޖެސް

ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކު ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 122 އަށް އަރާފައެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކަކީ ޗެމްޕިއަންސް ލީގުގައި އޭނާ ހެދި 8 ވަނަ ހެޓްރިކު ވެސް މެއެވެ.

މުބާރާތުގެ ކުއާޓާގައި ޔުވެންޓަސް ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.