ކުޅިވަރު

ތަފާތު ބޮޑު މޮޅަކާ އެކު ސިޓީ ކުއާޓާ އަށް

ސާޖިއޯ އަގުއެރޯ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޝާލްކޭގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާ މުބާރާތުގެ ކުއާޓާފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ޝާލްކޭގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-3 އިން ކާމިޔާބުކޮށްފައިވަނީ ސިޓީން ކަމަށްވާއިރު، މުބާރާތުގެ ކުއާޓާ އަށް ސިޓީ ދަތުރުކުރީ 10-2 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭގެ ތިން މިނެޓްފަހުން ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އަގުއެރޯ ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީރޯއި ސާނޭ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު މެޗުގެ 56 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 71 ވަނަ މިނެޓްގައި ސިޓީގެ ފަސްވަނަ ގޯލު ބަނާޑޯ ސިލްވާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ގެބްރިއަލް ޖީސެސް އާއި ފިލް ފޮޑެންއެވެ.

ތަފާތު ބޮޑު ނަތީޖާއަކުން ޝާލްކޭ ރޭ ބަލިވިއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް ޖަރުމަނުގެ ޓީމެއް މިހާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ކުއާޓާ އިން ސިޓީ ޖާގަ ހޯދުމުން އިނގިރޭސި ތިން ޓީމެއް ކުއާޓާގައި ވާދަކުރާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ކުއާޓާ އަށް ދެން ދަތުރުކުރި އިނގިރޭސި އަނެއް ދެ ޓީމަކީ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމްއެވެ.