ޚަބަރު

އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެން: ޖަމީލް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

އުފާވެރިކަން އޮތީ އިސްލާމްދީނުގެ ވަހުދަތުގައި ތިބެގެންކަަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށް ރަށުގައި ހިންގާ ގެސްޓު ހައުސް ތަކުގައި ރާ ވިއްކުމަށް ހިތްވަރު ދެއްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ދިވެހި އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށާއި އެއީ އަޅުގަނޑުމެން ކާބަފައިންގެ ވަސިއްޔަތެއް ކަމަށެވެ. އަދި އެއީ ދިވެހި ޒުވާނުންގެ އެދުމެއް ކަމަށާއި އުފާވެރިކަން އޮތީ ދީނުގެ ވަހުދަތުގައި ތިބެގެން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އއ. ތޮއްޑޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގެސްޓު ހައުސްގެ ވިޔަފާރި ރަށްތަކުގައި ކުރިއަރައިގެން އަންނަނީ އެއްވެސް އިރެއްގައި ދިވެހިން އެކަން ދުށް ގޮތަކަށް ނޫންކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނައިން ވިކޭ ތަކެތީގެ ތެރޭގައި ރާ ހިމެނޭ ކަމަށާއި، އޭގެ ސަބަބުން އިތުރަށް މުއްސަދިވެގެން ދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ސަރުކާރުން ދިން ނަމަވެސް އެތަން ތަނުގައި ރާ ވިއްކުމަކީ މަނާކަމެކެވެ. މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށް ތަކުގައި ރާ ވިއްުކުމުގެ ހުއްދަދޭން އުޅުމުން ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ނަޝީދު ރޭ އއ. ތޮއްޑޫގައި ރަލާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ދަނީ ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ.