ކުޅިވަރު

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން އަލީ އުމަރު ވަކިކޮށްފި

އަލީ އުމަރު - ފޮޓޯ: މިހާރު

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން އަލީ އުމަރު ވަކިކޮށްފިއެވެ.

އަލީ އުމަރު މަގާމުން ވަކި ކުރެއްވިކަން އިއުލާން ކުރެއްވީ މިވަގުތު ގޭގައި މަޑުކޮށްލައްވަން އަންގަވާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް އަލީ އުމަރު އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. މި މަގާމުގައި މީގެ ކުރިން ހުރީ އަހްމަދު ނަޝީދު (ޑޭވް)އެވެ. ނަމަވެސް ޑޭވް ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވީއްސުރެ މިހާތަނަށް ވެސް ފެންނަނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްއަކީ ކުޅިވަރުތަކުގެ ބެލެނިވެރި ފަރާތެވެ.