Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކާކަށް ނުފެނޭ: ނަޝީދު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ އއ.ތޮއްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ބަނގުރާ ވިއްކުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަދައްކަވާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި ނަޝީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭން އެއްގޮތަކަށް ވެސް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ ވާހަކައެއް ދައްކަވާފައި ވެސް ނުވާނެ ކަމަށެވެ. އަދި ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް މި ވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާ ގުޅިގެންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އއ. ތޮއްޑޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގެސްޓު ހައުސްގެ ވިޔަފާރި ރަށްތަކުގައި ކުރިއަރައިގެން އަންނަނީ އެއްވެސް އިރެއްގައި ދިވެހިން އެކަން ދުށް ގޮތަކަށް ނޫންކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނައިން ވިކޭ ތަކެތީގެ ތެރޭގައި ރާ ހިމެނޭ ކަމަށާއި، އޭގެ ސަބަބުން އިތުރަށް މުއްސަދިވެގެން ދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓު ހައުސް ހިންގުމުގެ ހުއްދަ ސަރުކާރުން ދިން ނަމަވެސް އެތަން ތަނުގައި ރާ ވިއްކުމަކީ މަނާކަމެކެވެ. މީގެ ކުރިން ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށް ތަކުގައި ރާ ވިއްުކުމުގެ ހުއްދަދޭން އުޅުމުން ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ނަޝީދު ރޭ އއ. ތޮއްޑޫގައި ރަލާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިންނާއި ބައެއް އާއްމުން ދަނީ ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ.