Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް މިރޭ ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ އެމަނިކުފާނުގެ ބަލި ހާލަތު ހުރިގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާއި އެއްގޮތަށް ކަމަށެވެ.

"ޔާމީން ގޭ ބަންދަށް ބަދަލުކުރެވުނީ ގޭ ބަންދުގައި ހުންނައިރު އަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެމަނިކުފާނާއި އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އެ ޝަރުތުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެއްބަސްވެ ވަޑައިގަތުމުންނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ޔާމީން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މައްސަލާގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައެވެ. ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.