Last Updated: April 18, 06:09
Thursday, April 18, 2024
ކުޅިވަރު

ބަޔާން ބަލިކޮށް ލިވަޕޫލް ކުއާޓާ އަށް

ލިވަޕޫލަށް ދެ ގޯލު ކާމިޔާބުކޮށްދިން މާނޭ - ފޮޓޯ: ރައީސް އޮފީސް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކްގެ މައްޗަށް 1-3 އިން ކުރި ހޯދާ މުބާރާތުގެ ކުއާޓާފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ކަމަށްވާއިރު މުބާރާތުގެ ކުއާޓާ އަށް ލިވަޕޫލް ދަތުރުކުރީ 1-3 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލް އިންނެވެ. ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބަޔާންގެ މި ގޯލަކީ މެޗުގެ 39 ވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންޑަރު މަޓިޕް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާން އިން ކުޅުނު ނަމަަވެސް ލިވަޕޫލްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ. މި މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލް އަށް ލީޑު ނަގައިދިން ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެން ޑައިކްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބަޔާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އަދި މެޗުގެ 84 ވަނަ މިނެޓްގައި ސަލާހު ނަގައިދިން ހުރަހަކުން ލިވަޕޫލްގެ ތިންވަަނަ ގޯލު ކާމިޔާބުކޮށްދީ މާނޭ ވަނީ މުބާރާތުގެ ކުއާޓާފައިނަލުން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ކުއާޓާފައިނަލަށް ލިވަޕޫލް ދަތުރުކުރުމުން 2008 ވަނަ އަހަރަށްފަހު އިނގިރޭސި ހަތަރު ޓީމެއް މުބާރާތުގެ ކުއާޓާގައި ފުރަތަމަ ފަހަރަށް މިފަހަރު ވާދަކުރާނެއެވެ. ލިވަޕޫލްގެ އިތުރުން ދެން ކުއާޓާ އިން ޖާގަ ހޯދި އިނގިރޭސި ޓީމުތަކަކީ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް އަދި މެންޗެސްޓަރ ސިޓީއެވެ.

އަނެއްކޮޅުން މިއީ 2011 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ނުގޮސް ބަޔާން ކެޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.