Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

މެސީގެ ދެ ގޯލުން ބާސާ ކުއާޓާ ފައިނަލަށް

ލިއޮނަލް މެސީ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ލިޔޯންގެ މައްޗަށް 1-5 އިން ކުރި ހޯދާ މުބާރާތުގެ ކުއާޓާފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ލިޔޯންގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ކަމަށްވާއިރު މުބާރާތުގެ ކުއާޓާ އަށް ބާސާ ދަތުރުކުރީ ވެސް 1-5 ގެ އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 17 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ލިޔޯންގެ ގޯލަށް ބާސާ އިން ނުރައްކާ ކުރަމުންދިޔައިރު ސުއަރޭޒް ދިން ޕާހަކުން މެޗުގެ 31 ވަނަ މިނެޓްގައި ކުޓީނިއޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު ދެވަނަ ހާފްގައި ލިޔޯން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓްގައި ޓޫސާޓް ވަނީ ލިޔޯން އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ލިޔޯން އިން ބާސާގެ ޑިފެންސްލައިނަށް ޕްރެޝަރު ކުރަމުންދަނިކޮށް ބާސާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 78 ވަނަ މިނެޓްގައި މެސީ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި މެސީ ދިން ޕާހަކުން މެޗުގެ 81 ވަނަ މިނެޓްގައި ބާސާގެ ހަތަރުވަނަ ގޯލު ޖެރާޑް ޕީކޭ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު މެސީ ދިން ޕާހަކުން މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

މުބާރާތުގެ ކުއާޓާ އަށް މިފަހަރު ދަތުރުކުރި ހަމައެކަނި ޓީމަކީ ވެސް ބާސާ ކަމަށްވާއިރު މިއީ 2010 ވަނަ އަހަރަށްފަހު ކުއާޓާގައި ސްޕެއިންގެ އެންމެ ކްލަބަކުން ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.