Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

އައްޑޫ އިން ދައުވާކުރި 70 މީހެއްގެ މައްސަލަ ރިވިއު އަށް ހުށަހަޅައިފި

އައްޑޫ ލިންކު ރޯޑު، ފޮޓޯ: އަޒީމް ނަޖުމީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ފެބްރުއަރީ، 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި އައްޑޫ ސިޓީން ދަޢުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

މި ސަރުކާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު 31 ޑިސެމްބަރ 2018 ގައި ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ވަނީ “މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު ތަޖުރީމުކުރާ އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން” ކުރަންވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ މި މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅީ، މިހާރު މި 70 މީހުންގެ ދަޢުވާތައް ހުރި ގޮތުން، އެމީހުންގެ މައްޗަށް ކުށްސާބިތު ވެއްޖެނަމަ، ކަނޑައެޅޭނީ އެންމެ ލުއި އަދަބުކަމުގައި ނުވާނެތީ ކަމަށެވެ.

އެ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ.ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ. އަދި ހއ.އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން 4 މީހަކާއި، ހއ. ދިއްދޫ 8 މީހަކާއި، ބ.ތުޅާދޫން 4 މީހަކާއި އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. ނުވަތަ ޖޫރިމަނާއަކުން މައްސަލަ ވަނީ ނިންމާފައެވެ.