ޚަބަރު

"ޕީޕީއެމް/ޕީއެންސީ އާއި ޖޭޕީން ގުޅުމަކީ ގަބޫލުކުރާނެ ކަމެއް ނޫން"

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު - ފޮޓޯ: ވީނިއުސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނާ ޖުމްހޫރީ ޕާޓީން ގުޅުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒު (ނިޔާ)ގެ ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އޭނާ ވަރަށް އިހުތިރާމް ކުރައްވާ ކަމަށާއި ގާސިމްއާ ދެމެދު އެއްވެސް މައްސަލައެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނާ ގުޅެން ގާސިމް ނިންމި ނިންމުމާ މެދު މައްސަލަ ވަރަށް ބޮޑަށް އެބައޮތް ކަމަށާއި އެއީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ހުރިހާ އެންމެން އެއްބަހެއް ނުވާނެ ހުރިހާ ކަމަކަށް، ވާކަށް ނުވެސް ޖެހޭ. އެ ޑިމޮކްރެސީ ރާއްޖޭގެ ޕާޓީތަކުގައި އޮންނަން ޖެހޭނެ. އެކަން ގަބޫލުނުކުރެވިގެން އަޅުގަނޑުމެންނާއި ދޭތެރޭ ކޮންމެ ފިޔަވަޅެއް އެޅިކަމުގައި ވިޔަސް ކަންބޮޑެއް ނުވޭ. އެއްވެސް ޖެހިލުމެއް ނުވޭ" މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު މިހެން ވިދާޅުވިއިރު އިދިކޮޅު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއާ ގުޅެން ޖެހުނީ ސަރުކާރު ކޯލިޝަނާއެކު ހަދާފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވެ އެ ޕާޓީ އަށް ލިބެންޖެހޭ ގޮނޑިތައް ދިނުމަށް ދެކޮޅު ހެދުމުން ދެ އަތް އުރާލައިގެން ތިބެން ބޭނުން ނުވާތީ ކަމަށް ގާސިމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އަދި މަގު މައްޗަށް ނެރެ އެއްލާލުމުން ދެން ޖެހޭނީ ސަލާންޖަހަން ނާށިގަނޑު ހިފައިގެންދާން ކަމަށާއި އެ ނާށިގަނޑަށް ބައި ރުފިޔާ ފޮއްޗެއް ވައްޓާލި މީހަކު ވެސް ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ގާސިމް މީގެކުރިން ވިދާޅުވެފައިވެއެވެ.

ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ނާށިގަނޑަށް އަނިޔާވެރިކަން ވައްޓާލުމުން އެމީހެއްގެ ފަހަތުން ނުދެވޭނެ ކަމަށާއި އެއީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އަދި މިއީ އެއްވެސް ހާލެއްގައި ގާސިމްއާ ދެކޮޅުވުން ނޫން ކަމަށާއި މަޖިލިސް އިންތިހާބަށް ކޯލިޝަން އެކުގައި މަސައްކަތް ނުކުރެވުނީތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ކުރިއަށް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.