ޚަބަރު

ކުޅުދުއްފުށީ "ސީ ކުއީން" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް "ސީ ކުއީން" ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:28 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މިއަދު 13:16 ހާއިރުއެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލި ނަމަވެސް އިންޖީނު ރޫމުގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ދުން ބޭރުކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގައި ހޫނު ހިފާފައިވާތީ ފެން ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ބޯޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.