ދުނިޔެ

މިސްކިތަށް ދިން ހަމަލާއިން ބަންގްލަދޭޝް ކްރިކެޓް ޓީމު ސަލާމަތްވީ ހަމަ ކިރިޔާ!

ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިއަދު ދިން ހަމަލާ އިން ބަންގްލަދޭޝްގެ ގައުމީ ކްރިކެޓު ޓީމު ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ނިއުޒީލެންޑުގެ ގައުމީ ކްރިކެޓު ޓީމާއެކު ޓެސްޓު މެޗުތަކެއް ކުޅުމަށް އެގައުމުގައި މިވަގުތު ތިބި ބަންގްލްލަދޭޝް ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން މިއަދުގެ ހުކުރު ނަމާދަށް ދިޔައީ ހަމަލާ އަމާޒުވި އެއް މިސްކިތް ކަމަށްވާ މަސްޖިދް އަލް ނޫރް އަށެވެ. އެ ފަރާތްތަށް އެ މިސްކިތަށް ދިޔައީ ބަހުގައެވެ.

ބަންގްލަދޭޝްގެ ކްރިކެޓު ޓީމުގެ ކަންކަން ކަވަރު ކުރަމުންދާ އީއެސްޕީއެންގެ ނޫސްވެރިޔާ މުހައްމަދު އިސާމް "ދަ ގާޑިއަން" އަށް މައުލޫމާތުދެމުން ބުނީ ކުޅުންތެރިން ދަތުރުކުރި ބަސް އޭރު އޮތީ މިސްކިތުގެ ބޭރުގައި ކަމަށާއި ނަމަވެސް ބަހުން ފައިބައިގެން މިސްކިތަށް ވަނުމަށް ތައްޔާރުވެފައިވަނިކޮށް ބަޑީގެ އަޑު އިވެން ފެށި ކަމަށެވެ.

"ވަރަށް ގިނަ މީހުން އެކި ތަންތަނަށް ދުވާ ތަނާއި، މީހުންނަށް ޒަހަމްވިތަން ކުޅުންތެރިންނަށް ފެނުނު. އެ މަންޒަރު ފެނުމުން ކުޅުންތެރިން ބަހުން ނުފައިބާ ތިބީ. ގާތްގަނޑަކަށް 10 މިނެޓްފަހުން ކުޅުންތެރިންނާއި ސްޓާފުން ބަހުން ފައިބައިގެން އެތަނުގެ ކައިރީ އޮތް ޕާކެއްގެ ތެރެއަށް ވަނުމަށް ދުއްވައިގަތީ" އިސާމް ބުންޏެވެ.

ހަނިގޮތަކަށް ބަންގްލަދޭޝްގެ ކުޅުންތެރިންނާއި ސްޓާފުން މި ހަމަލާއިން ސަލާމަތްވިއިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އެޓީމުގެ ކެޕްޓަން މުޝްފިގުރު ރަހީމް ވަނީ ބުނެފައެވެ.

މިއަދުގެ ހަމަލާއާ ގުޅިގެން ބަންގްލަދޭޝް އާއި ނިއުޒީލެންޑު މާދަމާ ބައްދަލުކުރަން ހަމަޖެހިފައި އޮތް ކްރިކެޓު މެޗު ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

މިސްކިތަށް މިއަދު ދިން ހަމަލާގައި 49 މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. މި ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެކެއްގެ މައްޗަށް ވަނީ ގަސްދުގައި މީހުންތަކެއް މަރާލި ކަމުގެ ދައުވާ އުފުލާފައެވެ.