Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޗެލްސީ ބަލިވިއިރު، ލިވަޕޫލް އެއްވަނަ އަށް

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލް އެއްވަނަ އަށް އެރިއިރު ޗެލްސީ ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 76 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި ލިވަޕޫލަށް ވުރެ އެއް މެޗު މަދުންކުޅެ 74 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު، ރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ 57 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ލިވަޕޫލް ރޭ މޮޅުވީ ލީގުގެ 19 ވަނައިގައި އޮތް ފުލަމްއާ ބައްދަލުކޮށް އުނދަގޫތަކަކަށްފަހު 1-2 އިންނެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލް އިންނެވެ. މި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަޑިއޯ މާނޭއެވެ. މިއީ މި ސީޒަނުގައި މާނޭ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.

ޑިފެންސިވް ކުޅުމެއް ފުލަމްގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައިރު މެޗުގެ 74 ވަނަ މިނެޓްގައި ރަޔަން ބަބެލް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ޗެލްސީ ރޭ ބަލިވީ ލީގުގެ 11 ވަނައިގައި އޮތް އެވަޓަންއާ ބައްދަލުކޮށް 2-0 އިންނެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި ހާފުގައި ޗެލްސީން ވަނީ އެވަޓަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހަޒާޑް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޕެޑްރޯ އާއި ހިގުއައިން އަދި ބާކްލީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ދެވަަ ހާފްގެ ކުރީކޮޅު ރިޗާލިސަން ވަނީ އެވަޓަން އަށް މެޗުގެ ލީޑު ނަގާފައެވެ. މި ގޯލަށްފަހު އެވަޓަން އިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުގެ 72 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެވަޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ.

ރޭގެ މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. ގަދަ ހަތަރަކަށް ނޭރިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.