Last Updated: April 24, 08:54
Wednesday, April 24, 2024
ކުޅިވަރު

މެސީގެ ހެޓްރިކާއެކު ބާސާ އަށް 10 ޕޮއިންޓުގެ ލީޑެއް

ލިއޮނަލް މެސީ

ލިއޮނަލް މެސީގެ ހެޓްރިކާއެކު ރެއާލް ބެޓިސް 1-4 އިން ބަލިކުރުމަށްފަހު، ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 66 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާ އެކުއެވެ.

ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ބާސާ އިން ކާމިޔާބުކުރީ މެޗުގެ 18 ވަނަ މިނެޓްގައެވެ. ބާސާ އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނަލް މެސީއެވެ. އަދި ސުއަރޭޒް ދިން ޕާހަކުން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ބާސާގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު، ބެޓިސްގެ ދެތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މެޗުގެ 82 ވަނަ މިނެޓްގައި ބެޓިސްގެ ހަމައެކަނި ގޯލު ލޮރެން މޮރޮން ކާމިޔާބުކޮށްދިންއިރު އޭގެ ދެ މިނެޓްފަހުން ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މެސީ ވަނީ ބާސާގެ ހަތަރުވަނަ ގޯލާއެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުގައި މެސީ ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި 51 ވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ. އެ ތިން ގޯލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 29 އަށް އަރާފައެވެ.