Last Updated: April 19, 06:24
Friday, April 19, 2024
ކުޅިވަރު

ޔުނައިޓެޑްގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުން: ސަންޗޭޒް

މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށް އެޓީމަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.

މިވަގުތު އަނިޔާގައި ހުރި ސަންޗޭޒަށް ޔުނައިޓެޑަށް ބަދަލުވިފަހުން އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތް ވެފައިނުވާއިރު ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފާޑުކިޔުން ވެސް އޭނާ އަށް ވަނީ އަމާޒުވެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާސެނަލްއާ ގުޅުނު ސަންޗޭޒް ބުނީ ޔުނައިޓެޑްގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށާއި އެގޮތުން ގޯލުތައް ކާމިޔާބުކޮށް ޔުނައިޓެޑާއެކު ކާމިޔާބީތައް ވެސް ހޯދަން ބޭނުންވާ ކަމަށެވެ.

"މިދިޔަ ސީޒަނުގެ އެފްއޭކަޕްގެ ފައިނަލުން ޗެލްސީ އަތުން އަހަރުމެން ބަލިވީމަ ވަރަށް ދެރަވި. އަހަރެން ބޭނުންވި މެޗު ބަލަން ދަނޑަށް އައި ޔުނައިޓެޑްގެ ސަޕޯޓަރުން އުފާކޮށްދޭން" ޗިލީ އަށް އުފަން ސަންޗޭޒް ބުންޏެވެ.

ޔުނައިޓެޑަކީ ކުޑައިރުއްސުރެން ފެށިގެން ވެސް އޭނާ އަށް ވަރަށް ކަމުދާ ކްލަބެއް ކަމަށާއި އެގޮތުން ޔުނައިޓެޑަކީ ދުނިޔޭގެ ފެންވަރުގައި ވެސް ގިނަ ބަޔަކު ބަލައިގަންނަ ކްލަބަކަށް ވުމާއެކު އެ ކްލަބަށް އަދި އެ ކްލަބުގެ ސަޕޯޓަރުންނަށް ތަށްޓެއް ހޯދައިދިނުމަކީ އަމާޒެއް ކަމަށްވެސް ސަންޗޭޒް ބުންޏެވެ.

އުމުރުން 30 އަހަރުގެ ސަންޗޭޒް މިހާތަނަށް ޔުނައިޓެޑަށް 41 މެޗު ކުޅެދީފައިވާއިރު އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަސް ގޯލެވެ. ސަންޗޭޒް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.